fbpx

މުސްކުޅި އަންހެނެއްގެ ދުޢާގެ ސަބަބުން 32 އަހަރު ޙައްޖު ކުރި މީހާ

ލިޔުނީމުޙައްމަދު އަނީލް

މީގެ 32 އަހަރު ކުރިން، އެމީހާގެ ޒުވާން ޢުމުރުގައި ޙައްޖުވީ މިޞްރު މީހަކު އަހަރެންނަށް އެނގެއެވެ. އޭނާ ޙައްޖަށް ދިޔުމަށް މައްކާއަށް ދިޔުމަށް 9 ޕަސިންޖަރުން އުފުލޭ ވަރުގެ ވެހިކަލަކަށް އެރިއެވެ. އެ އުޅަނދުގެ ޑްރައިވަރުގެ ފަހަތުން ކުރީކޮޅުގެ ދެ ސީޓުގައި ދެމަފިރިއަކު ތިއްބެވެ. އަދި އެންމެ ފަހަތުގެ ސީޓްގައި މުސްކުޅި އަންހެނަކު އިނެވެ. އެއަންހެން މީހާ އިނީ، އުޅަނދުގައި މީހުން ގިނަ ވުމުގެ ސަބަބުން ފައި ދަމާނުލެވި، ވަރަށް އުނދަގުލުގައެވެ.

ކޮންމެއަކަސް މި ޒުވާނާއަށް މި މަންޒަރު ފެނިގެން، ކުރީކޮޅުގައި ތިބި ދެމަފިރިންގެ ތެރެއިން، ފިރހެންމީހާގެ ކައިރިއަށް ގޮސް އެ މުސްކުޅި އަންހެންމީހާއަށް އެ ސީޓު ދިނުމަށް އެދުނެވެ. ނަމަވެސް އޭނާ އެކަމަށް އިންކާރު ކުރިއެވެ. ދެތިން ފަހަރު އާދޭސް ކޮށްގެން، އެންމެ ފަހުން އެ ފިރިހެންމީހާ ފަހަތަށް އަންނަން އެއްބސްވެ، މުސްކުޅި އަންހެންމީހާއަށް އޭނާގެ ސީޓު ދިނެވެ.

އެވަގުތު ކުރިއަށް އައިސް ސީޓުގައި ރަނގަޅަށް ހަމަޖެހިލެވުމުން، އެއަންހެންމީހާ އޭނާގެ ބަހުރުވައިން، މިޞްރުގެ ޢާއްމިއްޔާ އިން ބުންޏެވެ. ”ﷲ ތިބާ ކޮންމެ އަހަރެއްގެ ޙައްޖުން މަޙުރޫމު ނުކުރައްވާށިއެވެ!“

އެ މުސްކުޅި އަންހެން މީހާ އެ ދުޢާ ކުރި ފަހުން މިއަދާ ހަމައަށް 32 އަހަރު މި ޒުވާނާ ޙައްޖު ކޮށްފިއެވެ. ބައެއް ފަހަރު ޙައްޖު މޫސުން އަންނައިރު، އޭނާގެ އަތުގައި ޙައްޖަށް ދާނެ ފައިސާ ނެތިގެން، ނުވަތަ އޭނާ އެއަހަރު ޙައްޖަށް ދިޔުމުގެ ޤަޞްދެއް ނެތިވެސް ހުރެއެވެ. އެހެން ނަމަވެސް، އޭނާއަށް އެ މުސްކުޅި އަންހެނާގެ ދުޢާގެ ސަބަބުން، އޭނާއަށް ޙައްޖުގެ ފުރުޞަތު ތަނަވަސްވެގެން އައިސް، އޭނާ ޙައްޖަށް ދެއެވެ.

ޢަލީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ ހަމަކަށަވަރުން ﷲ ތަޢާލާ ވަނީ 2 ކަމެއް 2 ކަމެއްގެ ތެރޭގައި ވަންހަނާ ކުރައްވާފައެވެ. އެއިލާހުގެ ރުހިވޮޑިގަތުން ހެޔޮ ޢަމަލުތަކުގެ ތެރޭގައި ފޮރުއްވަވާފައެވެ. ތިބާ ކުރާ ޢަމަލުތަކުގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ ރުހިވޮޑިގަތުން ލިބޭ ޢަމަލަކީ ކޮބައިކަން ތިބާއަކަށް ނޭނގޭނެއެވެ. އަދި އެއިލާހުގެ ވަލީވެރި ބޭކަލުން އެއިލާހުގެ އަޅުތަކުންގެ ތެރޭގައި ފޮރުއްވަވާފައެވެ. ”

ފަހެ ތިބާ ހެޔޮ ކަން ކުރާށެވެ! ﷲގެ ވަޖުހުފުޅު އަދައިގެންނެވެ. ފަހަރުގައި ތިބާ އެހީތެރިވާ މީހާއަކީ މީސްތަކުންނަށް ނޭނގުނު ކަމުގައި ވިޔަސް ﷲގެ ޙަޟްރަތުގައި މުސްތަޖާބު ދުޢާއެއްގެ ވެރިއަކަށްވެ، އޭނާގެ ދުޢާގެ ސަބަބުން ތިބާއަށް ﷲ ހެޔޮ ތައުފީޤު ދެއްވައި،، އެ ތައުފީޤު ލިބުނީ ކިހިނެއްކަން ތިބާއަށްވެސް ނޭނގި ހިނގައިދާނެއެވެ.“

މިއީ ޤުބާ މިސްކިތުގެ އިމާމް، ފަޟީލަތުއްޝައިޚް ޞާލިޙު އަލް މުޣާމިސީ ޙަފިޡަހުﷲ ދެއްވި ތަޤުރީރެއްގައި ވިދާޅުވެ ދެއްވާފައިވާ ވާހަކައެކެވެ.

މަސްދަރު: ނޫރުލްއިސްލާމް ވެބްސައިޓުން ނަގާފައި

ހިޔާލު ފާޅުކުރައްވާ!

Call Now Buttonގުޅުއްވާ