ދުޢާ ކުރާށެވެ. އިޖާބަ ކުރައްވާނެ!

ދީނީ އަދި ދުނިޔަވީ ހުރިހާކަމެއްގައި ރެއާއި ދުވާލު ދުޢާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އުފާވެރިކަމާއި ހިތާމާގައިވެސް ދުޢާކުރުން ގިނަކުރުމަށް މާތްﷲ ވަނީ އަންގަވާފައިވެއެވެ. އެހެންކަމުން ދުޢާ ކުރާށެވެ. މާތްﷲ އިޖާބަކުރައްވާނެއެވެ.

ދުޢާ ކުރުމުގެ މުހިއްމުކަން ބަޔާން ކުރައްވާ މާތްﷲ سورة الغافر 60 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. ”وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ“
މާނަ: ”އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ. އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިޖާބަދެއްވާހުށީމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް ދުޢާކުރުމުން ބޮޑާވެގަންނަ މީހާ ނިކަމެތި ޙާލުގައި ނަރަކައަށް ވަންނަ ހުއްޓެވެ.“

ދުޢާއަކީ ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތި ޢަމަލެކެވެ. ﷲ އަށް ދުޢާކުރާ މީހުންނާއި އެކަލާނގެ ކުއްތަންވެގެންވާކަން ކީރިތި ޤުރުއާނުން ސާބިތުވެއެވެ. ދުޢާ ކުރާމީހުންނަށް މާތްﷲ ވަނީ ހާއްސަ މަޤާމެއް ދެއްވާފައެވެ. ﷲ އަށް ދުޢާކޮށް އުޅޭމީހުން ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުން ދުރު ނުކުރެއްވުމަށްވެސް ﷲ އަންގަވާފައިވެއެވެ.

الكهف ސޫރަތުގެ 28 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވަނީ ”އަދި އެއުރެންގެ ވެރިރަސްކަލާނގެ ވަޖުހުފުޅު އެދިގެން އެކަލާނގެއަށް ހެނދުނާއި ހަވީރު ދުޢާކޮށް އަޅުކަންކޮށް އުޅޭ މީހުންނާއެކު ކަލޭގެފާނުގެ ނަފްސު ހިފަހައްޓަވައި ކެތްކުރައްވާށެވެ.“

ދުނިޔެއާއި އާޚިރަތުގެ ހެވަށް އެދި ގިނަގިނައިން ތަކުރާރުކޮށް ދަންނަވަންވީއެވެ. އިންޝާﷲ ދުޢާ އިޖާބަ ކުރައްވާނެއެވެ. ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ވެސް ވަހީ ކުރައްވާފައިވަނީ އެދޭ ކަމެއް ކަނޑައެޅިގެން ބުނުމަށެވެ.
لا يَقُولَنَّ أَحَدُكُمْ : اللَّهُمَّ اغْفِرْ لِي إِنْ شِئْتَ ، اللَّهُمَّ ارْحَمْنِي إِنْ شِئْتَ ، لِيَعْزِمْ الْمَسْأَلَةَ ، فَإِنَّ اللهَ لا مُكْرِهَ لَهُ މާނައަކީ: ”އިބަ ﷲ އިރާދަކުރައްވައިފިނަމަ މިއަޅާގެ ފާފަ ފުއްސަވާ ރަޙްމަތް ލައްވާށޭ ނުބުނާށެވެ. އެދޭ ކަމެއް ކަނޑައެޅިގެން ބުނާށެވެ. ﷲ އަށް އެއްވެސް މަޖްބޫރުކަމެއް ނެތެވެ.“

ހިޔާލު ފާޅުކުރައްވާ!

Call Now Buttonގުޅުއްވާ