ހަމަ ލޮލުން ދެކޭ ފަދައިން: ޙައްޖަތުލް ވަދާޢު

ލިޔުނީ: މުޙައްމަދު މަޢޫން

ޙިޖުރައިން 10 ވަނަ އަހަރު އިތުރު އެކަލޭގެފާނު ޙައްޖަށް ވަޑައިގަންނަވާ ވާހަކަ މީސްތަކުންނަށް އެންގެވިއެވެ. މި އުފާވެރިކަމުގެ ޚަބަރު ލިބިގެން ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހު، ޙައްޖުވުމުގެ އެދުމުގައި ގިނަ ބަޔަކު މަދީނާއަށް ޖަމާވިއެވެ. މިގޮތަށް ޖަމާވި އެންމެހާ މީސްތަކުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހު މަދީނާއިން ދަތުރު ފަށައިގެން ޛުލްޙުލައިފާއަށް ދިޔައެވެ. ދެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޛުލްޙުލައިފާގައި ނަމާދުކުރެއްވުމަށްފަހު، ސަވާރީ ތެދުކުރައްވާ ބައިދާއާ ދިމާއަށް ދަތުރު ފެއްޓެވިއެވެ. އެކަލޭގެފާނާއިއެކު ލައްކަ އެއްހާ ޞަޙާބީން ދަތުރު ކުރައްވަމުން ގެންދެވިއެވެ. ވިސްނަވާލައްވާށެވެ. އޭގެ 23 އަހަރު ކުރިން މި ބިންމަތީގައި ތިބި މުސްލިމުންގެ ޢަދަދު އަތުގެ އިނގިލިތަކުން ގުނާ ލެވޭހާ މަދެވެ. އެކަމަކު، އޭގެ 23 އަހަރު ފަހުން ލައްކަ އެއްހާ ޞަޙާބީން ދަތުރު ކުރައްވަމުން އެ ގެންދަވަނީ ރަޙްމަތުގެ ނަބިއްޔާ  محمد صلى الله عليه وسلم އާއި އެކީގައި މައްކާއަށެވެ. މުޅި ޖައްވު ގުގުމާފައިވަނީ ތަލްބިޔާގެ އަޑުންނެވެ.

لَبًّيكَ اللّهُمَ لَبَّيك, لَبَّيكَ لاَشَرِيكَ لَكَ لَبَّيك إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لاَ شَرِيكَ لَكَ

މާނަ: “ މިއަޅާ ޙާޟިރުވަމެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ ޙާޟިރު ވަމެވެ. މިއަޅާ ޙާޟިރުވަމެވެ. އިބަ ﷲއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. މިއަޅާ ޙާޟިރުވަމެވެ. ހަމަކަށަވަރުން އެންމެހާ ޙަމްދަކާއި، އެންމެހާ ނިޢުމަތަކާއި، އެންމެހާ ވެރިކަމެއްވަނީ އިބަ ﷲ އަށެވެ. އިބަ ﷲ އަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. ”

ހިނގާފައިދާ މީހުންނާއި، ސަވާރީގައި ދާ މީހުން ތިބީ އެކަލޭގެފާނު ވަށާލައިގެންނެވެ. ކަނާތްޕުޅު ފަރާތާއި ވާތްޕުޅު ފަރާތާއި ކުރިމައްޗާއި ފަހަތްޕުޅުގައި ވެސް ވަރަށް ގިނަ މީހުން ތިއްބެވެ. އޭރު އެކަލޭގެފާނުގެ މައްޗަށް އިރުއިރުކޮޅާ ޤުރުއާން ބާވައިލެއްވެވެމުން ދިޔައެވެ. އެ އާޔަތްތަކުން ނެރެވޭ ޙުކުމްފުޅުތަކާއި އެއްގޮތަށް އެކަލޭގެފާނު ވަޑައިގެންނެވީ ޢަމަލުކުރައްވަމުންނެވެ. އެކަންކަން ސަޙާބީންނަށް އުނގަންނައިދެއްވަވަމުން ގެންދެވިއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސަޙާބީން މައްކާއަށް ވަޑައިގެން ޠަވާފްކޮށް ސަޢުޔު ކުރެއްވިއެވެ.

ސަޢުޔުކޮށް ނިމިވަޑައިގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ ތިޔައިބައިމީހުންގެ ތެރެއިން ކަތިލާނެ ހަދްޔު ނުގެންނަ މީހާ ތަޙައްލުލު ވެލައިގެން އިޙްރާމް ކަނޑާލާށެވެ. “ މިގޮތަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރުކުރެއްވުމުން، ހަދްޔު ނުގެންނަ އެންމެން އިޙްރާމް ކަނޑާލައި ތަޙައްލުލުވެ ބޯކޮށްޓެވިއެވެ.

މި ދަތުރުފުޅުގައި ޢަލީގެފާނު ޔަމަނަށް ވަޑައިގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށްޓަކައި ޖަމަލުތަކެއް ގެންނެވިއެވެ. ޢަލީގެފާނު ޔަމަނުން ގެންނެވި ޖަމަލުތަކާއި، ކީރިތި ރަސޫލާ މަދީނާއިން ގެންނެވި ޖަމަލުތައް ލައިގެން މުޅިއެކު 100 ޖަމަލު ހަމަވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި، ހަދްޔު ގެންނެވި އެހެން އަޞްޙާބުބޭކަލުން ތިއްބެވީ އިޙްރާމް މަތީގައެވެ.

ޙައްޖު މަހުގެ 8 ވަނަ ދުވަސް އައުމުން އެންމެން މިނާއަށް ދާން ނިކުމެއްޖެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް ސަވާރީއަށް އަރައި ވަޑައިގެން މިނާއަށް ވަޑައިގަތެވެ. އެކަލޭގެފާނު އެދުވަހުގެ މެންދުރު ނަމާދާއި އަޞުރު ނަމާދާއި މަޣްރިބް ނަމާދާއި އިޝާ ނަމާދާއި ފަތިސްނަމާދު ކުރެއްވީ މިނާގައެވެ. ދެން އަނެއް ދުވަހުގެ އިރުއަރައި އަލިވެ، ވަޤުތުތަކެއް ވަންދެން މިނާގައި މަޑުކުރެއްވުމަށްފަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަތުރަށް ފައްޓަވައިފިއެވެ. އޭރު އެކަލޭގެފާނު ވަނީ، އެކަލޭގެފާނަށްޓަކައި ޚާއްސަ ލާގެކޮޅެއް ނަމިރާގައި ޖައްސަވަން އަޞްޙާބު ބޭކަލުންތަކެއް ފޮނުވާފައެވެ.

ނަމިރާގައި އެކަލޭގެފާނަށްޓަކައި ޖަހާލެވިފައި ހުރި ލާގެކޮޅުގައި މަޑުކޮށްލެއްވިއެވެ. ދެން އެދުވަހުގެ އިރު މެދުޖެހުމުން އެކަލޭގެފާނު ޖަމަލުކޮޅުގައި އިންނަވައިގެން ވަޑައިގެންނެވީ ނަމިރާއާއި ޢަރަފާތާ ދެމެދު އޮންނަ ޢުރަނާ ކިޔުނު ވާދީއަށެވެ. އެތަނުގައި ހުންނަވައިގެން މީސްތަކުންނަށް ދުވަހުގެ ދެ ޚުތުބާ ދެއްވިއެވެ. އޭގައި މިފަދައިން ވިދާޅުވިއެވެ. “ އޭ މީސްތަކުންނޭވެ! ތިޔަބައި މީހުންގެ މުދަލާއި ފުރާނަ ވަނީ ޙުރުމަތްތެރިކުރެވިގެންނެވެ. އެއީ މިދުވަސް ޙުރުމަތްތެރި ކުރެވިގެންވާ ފަދައިން، މި މައްސަރު ޙުރުމަތްތެރި ކުރެވިގެންވާ ފަދައިން، މިރަށް ( މައްކާ ) ޙުރުމަތްތެރި ކުރެވިގެންވާ ފަދައިންނެވެ. ދަންނާށެވެ. ޖާހިލިއްޔަ ޒަމާނުގެ އެންމެހައި ކަންތައްތަކެއް މިއަދު ތިމަންކަލޭގެފާނުގެ ފައިންޕުޅުގެ ދަށަށް ލެވި ޗިސްޗިސްކުރެވެނީއެވެ. ޖާހިލިއްޔަ ގޮތުގައި ބަދަލު ހިފުމުގެގޮތުން އޮހޮރެމުން ދިޔަ ލޭ، އޮހޮރުން ނިމުމަކަށް ގެނެވުނީއެވެ. ދަންނާށެވެ. ތިމަންމެންގެ، އޮހޮރިފައިވާ ލޭތަކުގެ ތެރެއިން ތިމަން ކަލޭގެފާނު އެންމެ ފުރަތަމަ ބަދަލު ހިފުމުން އެއްކިބާވާނީ ރަބިޢާ އިބްނި ޙާރިޘްގެ ފުރާނައިގެ ބަދަލަށެވެ.

އަދި ދަންނާށެވެ. ތިމަންކަލޭގެފާނު އެންމެ ފުރަތަމަ ދޫކޮށްލައްވާނެ ރިބާއަކީ ޢައްބާސް އިބްނި ޢަބްދުލް މުއްޠަލިބަށް ލިބިވަޑައިގަންނަވަން ޖެހޭ ރިބާގެ މުދަލެވެ. ރިބާއަކީ މުޅިންމެ ހުއްޓާލައި އެއްކިބާ ވާންޖެހޭ އެއްޗެކެވެ. އަދި ދަންނާށެވެ. އަންހެނުންގެ ކަންކަމުގައި ﷲ އަށް ބިރުވެތިވެ، އެކަނބަލުންނަށް ހެޔޮކޮށް ހިތާށެވެ. ތިޔަބައިމީހުން ވަނީ އަމާނާތެއްގެ ގޮތުގައި ﷲ ގެ ޙައްޤުގައި ތިމާމެންގެ އަނބީން އަމިއްލަކޮށްފައެވެ. ﷲ ގެ ނަންފުޅުގައި އެކަނބަލުންގެ އަޢުރަ ހުއްދަކޮށްފައެވެ. އެކަނބަލުންގެ މައްޗަށްވާ ތިޔަބައި މީހުންގެ ޙައްޤުތަކެއް ވެއެވެ. އެއީ ތިޔަބައި މީހުން ނުރުހޭ އެއްވެސް މީހަކު ތިޔަބައި މީހުންގެ ގެއަށް ގެނެސް އެމީހަކާއެކު އެކަހެރިވެ ވާހަކަ ދައްކައި ނުހެދުމެވެ. މިގޮތްގޮތަށް ކަން ކޮށްފިނަމަ އެކަނބަލުންނަށް އަނިޔާއެއް ނުވާގޮތަށް އަދަބު ދިނުމަކީ ތިޔަބައި މީހުންނަށް ހުއްދަ ކަމެކެވެ. އަދި ތިޔަބައި މީހުންގެ މައްޗަށްވާ، އެކަނބަލުންގެ، ޙައްޤުތަކަކީ އެކަނބަލުންނަށް ( ދެފަރާތް ) ރުހެވޭ ގޮތުގެ މަތީން، ހެޔޮ ގޮތުގައި ކާންބޯން ދިނުމާއި އަންނައުނު ދިނުމެވެ.

އަދި ދަންނާށެވެ. ތިމަން ރަސޫލާ މި ވަޑައިގަންނަވަނީ ތިޔަބައި މީހުން އެ އެއްޗަކަށް ތަބާވެއްޖެ ކަމުގައި ވާނަމަ އެމީހަކު މަގު ނުގެއްލޭނެ އެއްޗެއް ތިޔަބައި މީހުންނާއި ޙަވާލުކުރައްވާފައެވެ. އެއީ ﷲ ގެ ކަލާމްފުޅެވެ. އަދި ތިމަން ރަސޫލާގެ ސުންނަތް ވެސް މެއެވެ. މިކަމާމެދު ތިޔަބައި މީހުން ބުނަނީ ކީކޭ ހެއްޔެވެ؟ އަޞްޙާބު ބޭކަލުން ދެންނެވިއެވެ. ކަލޭގެފާނަކީ ﷲ ގެ ރަސޫލު ކަމާއި ، ކަލޭގެފާނާއި ޙަވާލުކުރެވުނު ރިސާލަތު ފުރިހަމަ ގޮތުގައި، އަމާނާތްތެރިކަމާއެކު ތިމަންމެނަށް އަންގަވައިދެއްވާ، ފޯރުކޮށްދެއްވައިފި ކަމަށް ތިމަންމެން ހެކިވަމެވެ. އެހިނދު އިތުރު އެކަލޭގެފާނު، އެކަލޭގެފާނުގެ ކަނާތްޕުޅުގެ ޝަހާދަތް އިނގިލިފުޅު މައްޗަށް އުފުއްލަވައި މީސްތަކުންނާ ދިމާއަށް ދިއްކުރައްވައި އިޝާރާތްކުރައްވަމުން ﷲ ގެ ޙަޟްރަތުގައި 3 ފަހަރު މަތިން މިފަދައިން މުނާޖާ ދެންނެވިއެވެ. اللهُمَّ اشْهَدْ ، اللهُمَّ اشْهَدْ (މާނައީ: އޭ ﷲ! މިކަމާމެދު ތިޔަ އިލާހު ހެކިވެވޮޑިގަންނަވާނދޭވެ!)

ދެން ޚުތުބާއިން ނިމިވަޑައިގަތުމުން، ބަންގިދޭ މީހާއަށް، ބަންގި ދިނުމަށާއި ޤަމަތް ދިނުމަށް އެންގެވިއެވެ. އެއަށްފަހު މެންދުރު ނަމާދު ކުރެއްވިއެވެ. ދެން ޤަމަތް ދެއްވައި ޢަޞްރު ނަމާދު ކުރެއްވިއެވެ. އެ ދެ ނަމާދުގެ ދެމެދަކު އެހެން ނަމާދެއް ނުކުރައްވައެވެ. ދެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަވާރީއަށް އަރައިވަޑައިގެން ޢަރަފާތަށް ވެދެވަޑައިގެން ޖަބަލުއްރަޙްމާގެ ކައިރީގައި ހުއްޓި ވަޑައިގަތެވެ. ސަވާރީކޮޅުގެ ލަގަން ދޫކޮށްލެއްވުމުން އެސޮރު، އެތާ އޮތް ހިލައެއްގެ މަތީ ބަނޑު ޖައްސާލައިފިއެވެ. ދެން އެކަލޭގެފާނު ޤިބްލައަށް ހުންނަވައިގެން، ފައިމަގުގައި އައި މީހުންނާ ދިމާއަށް ކުރިމަތިލައްވައިގެން ދުޢާ ކުރައްވަން ހުންނެވިއެވެ. މިގޮތަށް މިތާ، އިތުރު އެކަލޭގެފާނު އިރުއޮއްސި، ރަތްވިލާ މުޅިން ފިލަންދެން ހުންނެވިއެވެ. އިރުއޮއްސި އަނދިރިވާންފެށުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަރަފާތުން އެނބުރި ވަޑައިގަންނަވަން ދަތުރު ފެއްޓެވިއެވެ. އިތުރު އެކަލޭގެފާނުގެ ފަހަތްޕުޅުގައި ސަވާރީކޮޅުގައި ބޭންދެވީ އުސާމާ އިބްނު ޒައިދެވެ. ދެން ފަރުބަދައަކާއި ކައިރިވާ ކޮންމެ ފަހަރަކު އިތުރު އެކަލޭގެފާނު ކަނާތްޕުޅުން މީސްތަކުންނާ ދިމާއަށް އިޝާރާތްކުރައްވައި ހަމަ ހިމޭންވުމަށް އަންގަވަތެވެ. ހަނަފަސް ތަނެއް އަންނަ ކޮންމެ ހިނދަކު ތަންކޮޅެއް ހަލުވިކުރައްވަތެވެ. މިގޮތަށް ދަތުރުކުރައްވަމުން ގޮސް މުޒްދަލިފާއަށް ވަޑައިގެންނެވިއެވެ. ދެން އެތާނގައި އެއް ބަންގިއާއި ދެ ޤަމަތާއެކު މަޣްރިބު ނަމާދާއި އިޝާ ނަމާދު ކުރެއްވިއެވެ. އެތާކުވެސް އިތުރު އެހެން ސުންނަތެއް ނުކުރައްވައެވެ. އެއަށްފަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަ ލައްޕަވައިފިއެވެ. ފަޖުރުލާ ހެނދުނާއި ގާތްވުމުން ފަތިސް ނަމާދު ކުރެއްވިއެވެ. އެއަށްފަހު ޖަމަލު ކޮޅަށް އަރާވަޑައިގެން އަލްމަޝްޢަރުލް ޙަރާމް ކިޔުނު ހިސާބަށް ވަޑައިގަތެވެ. އެތާނގައި ޤިބްލައަށް ކުރިމަތިފުޅުލައްވައިގެން ދުޢާފުޅު ކުރެއްވިއެވެ. ތަކްބީރާއި ތަހްލީލް ވިދާޅުވެ ﷲ ގެ އެއްކައުވަންތަކަން ބަޔާންކޮށް ހެއްދެވިއެވެ. އަދި ރަނގަޅަށް އަލިވެ ދުނިޔެމަތިން އަނދިރިކަން ފިލައްޖައުމަށް ދާންދެން އިތުރު އެކަލޭގެފާނު އެތާނގައި މަޑުކުރެއްވިއެވެ.

ކޮންމެއަކަސް އިރުނާރަނީސް ލޮބްވެތި ރަސޫލާ މުޒްދަލިފާއިން ދަތުރުފުޅު ފައްޓަވައިފިއެވެ. މި ގޮތަށް ދަތުރު ކުރައްވަމުން ވާދީ މުޙައްސިރާއި އަރާ ހަމަވުމުން ތަންކޮޅެއް ބާރަށް ޖަމަލުކޮޅު ދުއްވެވިއެވެ. އަދި އެތަނުން ބޮޑު ޖަމްރާއާއި ދިމާއަށް އޮންނަ މެދު މަގު އިޚްތިޔާރު ކުރައްވައި، ސީދާ އެތަނަށް ވަޑައިގަތެވެ. އެތާނގައި ހުންނަ ގަސްދޮށަށް ޖަމަލު މަޑުކުރެއްވެވިއެވެ. ތިންވަނަ ޖަމްރާ ހުންނަނީ އެ ގަސްދޮށުގައެވެ. ދެން ވަޑައިގެން، ކޮންމެ ހިލަ ކޮޅަކަށް ތަކްބީރު ވިދާޅުވަމުން ހަތް ހިލަކޮޅު އުއްކެވިއެވެ. އެއީ ނިޔަރޮދިން ހިފާލެވޭވަރުގެ ކުދި ހިލަ ކޮޅުތަކެކެވެ. އޭރު އެކަލޭގެފާނު ހުންނެވީ އަޤަބާ ވާދީގައެވެ. އެއަށްފަހު އިތުރު އެކަލޭގެފާނު ވަޑައިގަތީ ކަތިލާ ތަނަށެވެ. އެތަނަށް ވަޑައިގެން އަމިއްލަ އަތްޕުޅުން ފަސްދޮޅަސް ތިން ޖަމަލު ކަތިލެއްވިއެވެ. އެއަށް ޢަލީގެފާނުގެ އަތްޕުޅަށް ކަތިލެއްވުމަށް ދެއްވެވިއެވެ. އަލީގެފާނު ބާކީހުރި ހަދްޔުތައް ކަތިލެއްވެވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޖަމަލުގައި ޢަލީގެފާނު ބައިވެރިކުރެއްވެވިއެވެ. ދެން ޢަލީގެފާނަށް އެންގެވީ ކޮންމެ ހަދްޔަކުންވެސް މަސްކޮޅެއް ނެންގެވުމަށާއި މި މަސްކޮޅު ކައްކާ މީހުން ލައްވާ ރަނގަޅަށް ކައްކާލެއްވުމަށެވެ. ކައްކައިގެން އަރިހަށް ގެނެވުމުން އެއިން އިތުރު އެކަލޭގެފާނާއި ޢަލީގެފާނު ފަރީއްކުޅުއްވިއެވެ. އަދި އޭގެ ސުރުވާވެސް ހިއްޕެވިއެވެ.

    އެއަށްފަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަވާރީއަށް އަރާވަޑައިގެން ގެފުޅަށް ވަޑައިގަތެވެ. އަދި ޙައްޖުގެ ޠަވާފްކުރެއްވިއެވެ. އެދުވަހުގެ މެންދުރު ނަމާދު މައްކާގައި ކުރައްވައިގެން ޢަބްދުލް މުއްޠަލިބު ވަންހައިގެ ބޭކަލުން މީސްތަކުންނަށް ޒަމްޒަމްފެން ދެއްވަނިކޮށް، އެބޭކަލުންގެ ގާތަށް ވަޑައިގަތެވެ. އަދި ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނަށްވެސް ފެންދޭށެވެ. ދަންނާށެވެ! މީސްތަކުން މިގޮތަށް ފެންދިނުމަކީ ޙައްޖުގެ ފަރުޟެއް ކަމުގައި ދެކި މިތަނަށް ޖަމާވެ ބައިބޯ ނުކުރާނެނަމަހީ ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާ ބައިވެރިވެ ވަޑައިގެން ފެންދެއްވަން ހުންނެވީހެވެ. ދެން އެބޭކަލުން އެކަލޭގެފާނަށް ބާލިދީކޮޅަކުން ފެންފޮދު އެރުވުމުން އެއިން ފެންފޮދު ހިއްޕެވިއެވެ.

މި ލިޔުން ބިނާވެފައި މިވަނީ މާތްﷲ ރަޙްމަތްލެއްވި ޖަޢުފަރު އައްޞާދިޤު އެކަލޭގެފާނު ގެ ބައްޕާފުޅު އިމާމު ބާޤިރު ގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘެއްގެ މައްޗަށެވެ. މާތްﷲ ރަޙްމަތްލެއްވި އިމާމު ބާޤިރު މި ޙަދީޘް ރިވާކުރައްވައިފައިވަނީ މާތް ﷲ ރުއްސުންލެއްވި ޖާބިރު އިބްނި ޢަބްދުއްﷲ ގެ ކިބައިންނެވެ.

މި ސިލްސިލާއިން އައިސްފައިވާ އެހެން ޙަދީޘެއްވެސް ޒިކުރު ކޮށްލާނަމެވެ.

މިނާގެ ކަތިލާ ތަނަށް ވަޑައިގެން ހަދްޔު ކަތިލެއްވުމަށްފަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސްކުރެއްވިއެވެ. ތިމަންކަލޭގެފާނު މި މަޤާމުގައި ކަތިލެއްވި ކަމުގައިވިޔަސް މުޅި މިނާއަކީ ކަތިލެވޭ ތަނެކެވެ. ތިޔަބައިމީހުން ތިމަތިމާމެން ތިބިތަނެއްގައި ކަތިލާލާށެވެ. އަދި ތިމަންކަލޭގެފާނު ފަރުބަދަ ކައިރީ މަޑުކުރެއްވި ކަމުގައި ވިޔަސް މުޅި ޢަރަފާތުގައި މަޑު ކުރެވޭނެއެވެ. އަދި މުޒްދަލިފާއާއި މިނާއާއި އެތަންތާނގައިވެސް ވަކި ތަނެއްގައި މަޑުކުރެއްވި ކަމުގައިވިޔަސް އެއިން ކޮންމެ މައިދާނެއްގެ މުޅި ބިމަކީ މައުޤިފެވެ. ތިޔަބައިމީހުން ތިމާމެންނަށް ފަސޭހަވީ ތަނެއްގައި މަޑުކޮށްލާށެވެ.

މަޞްދަރު: ޞަޙީޙް މުސްލިމްގެ ދިވެހި ތަރުޖަމާ

ހިޔާލު ފާޅުކުރައްވާ!

Call Now Buttonގުޅުއްވާ