fbpx

ޒުބައިދާ: ލާމަސީލު މަހާރެހެންދި

ލިޔުނީ: މުޙައްމަދު މަޢޫން

 

އަޞްލު ނަންފުޅު: އަމަތުލް ޢަޒީޒު
އުފަންވެވަޑައިގެންފައިވަނީ:149 ހ.
އަވަހާރަވެފައިވަނީ: 216ހ.

އެކަމަނާގެ އަޞްލު ނަންފުޅަކީ އަމަތުލް ޢަޒީޒެވެ. ބުރުސޫރަފުޅުގެ ރީތިކަމާއި ތޫނުފިލިކަން އެކަމަނާގެ ޝަޚްސިއްޔަތުގައި ޖަމާވެފައިވެއެވެ. ޢިލްމީ ދިރާސާކުރައްވާ ޢިލްމުވެރިންނަށް އެކަމަނާގެ އަމިއްލަ ޚަރަދުގައި މުސާރަދެއްވަވައެވެ.

 

ގިނަގިނައިން ޙައްޖުވުމަށް މިކަމަނާ ލޯބިކުރައްވަވައެވެ. ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި އެކަމަނާގެ ފިރިކަލުންނާއިއެކު ބަޣްދާދުން މައްކާއަށް ހިންގަވާފައި ވަޑައިގެންފައިވެއެވެ. ބަޢްދާދުން މައްކާއަށް އެޒަމާނުގެ ދެވޭނީ 900 މޭލުގެ ރާސްތާއެއް ކަޑައްތުކޮށްފައެވެ.

އެކަމަނާގެ އެންމެ ފާހަގަކޮށްލެވޭ ޚިދުމަތަކީ ބަޣްދާދުން މައްކާއަށް ދަތުރުކުރެވޭ މަގެއް ހެދުމެވެ. މި މަޝްރޫޢު ޕްލޭންކޮށް، ވިލަރެސްކޮށްފައިވަނީ ޚުދު އެކަމަނާ އަމިއްލަފުޅަށެވެ. މި މަޝްރޫޢު އެކަމަނާ ފެއްޓެވީ އެއްފަހަރަކު ކުރެއްވި ހައްޖު ދަތުރެއްގައި ފެނުނު މަންޒަރުތަކުންނެވެ. އެ ދަތުރުގައި ފެނިވަޑައިގަތީ އޭރު ބަޣްދާދުން މައްކާއަށް ދާން އޮންނަ މަގު ގެ ޙާލަތުދަށްކަމުން ބައެއް ޙައްޖުވެރިން ކަރުހިއްކައިގަނެގެން މަރުވަމުންދާ ތަނެވެ. އަނެއްބަޔަކަށް މަގު އޮޅި، ވެލީގެ ޠޫފާންތަކުގައި ގެއްލުމާއި ހަލާކާއި ކުރިމަތިވަމުންދާ ތަނެވެ. މި މައްސަލަތައް ޙައްލުކުރެއްވުމަށްޓަކައި މަގުގެ ދެފަރާތުގައި ފެން ވަޅުތަކާއި، މެހެމާންސަރާތަކާއި، ވެލީގެ ޠޫފާންތަކުން ރައްކާތެރިކަން ހޯދަން ވަންނާނޭ ޢިމާރާތްތައް ޤާއިމުކުރެއްވެވިއެވެ. 1200 ކިލޯމީޓަރުގެ މި މަގު ހަދާ ނިމުނުއިރު މަގުގެ އެކި ހިސާބުގައި ސާޅީހަކަށް މިސްކިތްތަކާއި، މެހެމާންސަރާތަކާއި، ފުލުހުންގެ މަރުކަޒުތަކާއި، ފެންބޯވަޅުތަކާއި، ޙައްޖުވެރިންނަށް ކާބޯތަކެތި ފޯރުކޮށްދޭ މަރުކަޒުތައް ބިނާކުރެވިފައިވެއެވެ. ދަތުރުވެރިންނަށް އިތުރަށް ފަސޭހަ ކޮށްދިނުމަށްޓަކައި މުންނާރުތަކާއި ކިއްލާތައްވެސް ބިނާކުރެވުނެވެ.

މިމަގު ގެ ފަސޭހަތައް ހާސްއަހަރަށް ވުރެ ގިނަ ދުވަހު އެ މަގުން ދަތުރުކުރި ދަތުރުވެރިންނަށް ލިބުނެވެ. އަދިއަދަށްދާންދެންވެސް އެ މަގުގެ އާސާރުތައް ފެންނަން އެބަހުއްޓެވެ.
އިރާޤު، އީރާން، އަފްޣާނިސްތާން،ކުރްދިސްތާން، ތަޖްކިސްތާން އަދި އުޒްބެކިސްތާންގެ ހައްޖުވެރިން ޢާއްމުކޮށް ދަތުރުކުރި މި މަގުގެ ބަނދަރުތައް ކޫފާ، ނަޖަފް، ޤާދިސިއްޔާ، ذات عرق، ބުސްތާން އަދި މަދީނާގައި ޤާއިމުކުރެވިފައިވެއެވެ. ބުނެވޭ ގޮތުގައި މި މަޝްރޫޢުއަށް 5950 ކިލޯގްރާމްގެ ރަނުގެ އަގަށްވާ ފައިސާ ހޭދަކުރެވިފައިވެއެވެ. މިފަދަ ތަނަވަސްކަމެއް އޭރުގެ އިސްލާމީ ދައުލަތަށް ލިބިފައިވާނޭ ކަމާއިމެދު ޝައްކުކުރާނެ ޖާގައެއްނެތެވެ. އެހެނީ އެކަމަނާގެ ފިރިކަލުން ޚަލީފާ ހާރޫނުއްރަޝީދުގެ ދައުލަތަކީ، ދައުލަތްތަކުގެ ތެރެއިން އެންމެ ފުރިހަމަ، އެންމެ ފެންވަރުރަނގަޅު، ތަނަވަސް ހައިބަތުކަން ބޮޑު ދައުލަތެކެވެ. އަދި ޚަލީފާ ހާރޫނުއްރަޝީދުވަނީ ދުނިޔޭގެ ބޮޑުބައެއް އެމަނިކުފާނުގެ ބާރުފުޅުދަށަށް ގެންނަވާފައެވެ.

ޒުބައިދާގެ އަމުރުފުޅަށް މައްކާގެ ފެނުގެ ނިޒާމު ޤާއިމުކުރުމަށްޓަކައި 2 މިލިޔަން ދީނާރު ޚަރަދުކުރެވުނެވެ. މި ގޮތުން ފާހަގަކޮށްލެވޭ އެއް މަޝްރޫޢުއަކީ މައްކާގެ ރަށް ބޭރުގައިވާ ޙުނައިން ވާދީން މައްކާއަށް ފެން ފޯރުކޮށްދިނުމުގެ މަޝްރޫޢުއެވެ.
މިގޮތުން ބިނާކުރެވުނު ފެންފާލަމުގެ ދިގުމިނުގައި 95 ކިލޯމީޓަރު ހުރެއެވެ. އެއީ މާލެއިން ފެށިގެން އދ. ދިގުރަށާއި ހަމައަށް ހުންނަ ދުރުމިނެވެ.
މި ކަމަނާގެ ހަޔާތްޕުޅުން ހިތްވަރުލިބި، އުއްމަތުގެ އަންހެންދަރިންވެސް އިސްލާމީ ޝަރީއަތާއި ޚިލާފްނުވާނޭ މަގުން އުއްމަތަށް ޚިދުމަތްކުރާބަޔަކަށް ވާން އެބަޖެހެއެވެ. މީސްތަކުންނަށް މަންފާ ބޮޑެތި ކަންކަންކުރުމުގައި މަޝްޣޫލުވާން އެބަޖެހެއެވެ.

عن الحسين بن علي بن أبي طالب:) إنَّ اللهَ تعالى يُحِبُّ مَعاليَ الأُمورِ، وأَشرافَها، ويَكرَهُ سَفْسافَها (صحيح الجامع
“ ހަމަކަށަވަރުން އެކަންކަމުގެ މަންފާ ބޮޑު ބޮޑެތި އަދި ޝަރަފުވެރި ކަންކަމުގައި ތިޔަބައިމީހުން މަޝްޣޫލްވުމަކީ މާތް ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަންބޮޑުވެގެންވާ ކަމެކެވެ. ބޭކާރު ކުދިކުދި ކަންކަމުގައި ތިޔަބައިމީހުން މަޝްޣޫލުވުމަކީ އެކަލާނގެ ނުރުއްސަވާ ކަމެކެވެ. “
މަރްޖިޢުތައް:
ތާރީޚް ބަޣްދާދު
http://www.arabnews.com/node/1352141/saudi-arabia
http://www.arabnews.com/node/407140

ހިޔާލު ފާޅުކުރައްވާ!

Call Now Buttonގުޅުއްވާ