fbpx

ދަތުރުގެ އަގު

150 ރިޔާލް

އާންމު މައުލޫމާތު

 • މިދަތުރުގެ އަގަކީ 150 ރިޔާލް (ފައިސާ ދައްކާނީ ސައުދީއަށް ދިއުމަށްފަހު)

 • މިއީ އިތުރަށް ފައިސާ ނަގައިގެން ކުރާ ދަތުރެއް.
 • މި ޢުމްރާއަކީ ކުރަން ބޭނުންވާ ފަރާތްތަކަށް އޮތް ފުރުސަތެއް.
 • މިދަތުރުގައި 3 ވަނަ ޢުމްރާވުމުގެ ފުރުސަތު ލިބިގެންދާނެ.
 • މައްކާއިން ޠާއިފަށް ދެވޭނީ 1 ގަޑިއިރާ 30 މިނިޓުން.
 • ޠާއިފުން މައްކާއަށް އެނބުރި ދާނީ މީޤާތުގައި މަޑުކުރުމަށްފަހު އިހްރާމް އަޅައިގެން 3 ވަނަ އުމްރާ ވުމަށް ތައްޔާރުވެގެން.
 • ޢުމްރާގެ ނިޔަތް ކިޔުމަށް މީޤާތަށް މަޑުކުރާނެ.

ޒިޔާރަތްކުރާނެ ތަންތަން

1 ) ހޮޓަލުން ފުރުން
 • ހޮޓަލުން ފުރުން
 • މައްކާއިން ޠާއިފަށް ފުރާއިރު އިހްރާމް ގެންދަވަންވާނެ.
 • މައްކާއިން ޠާއިފަށް ދެވޭނީ 1 ގަޑިއިރާ 30 މިނިޓުން.
2 ) އާސާރި ތަންތަނަށް ޒިޔާރަތް ކުރުން
 • ޠާއިފަށް ކުރާ މިދަތުރުގައި ޠާއިފުގެ އާސާރި ތަންތަނަށް ޒިޔާރަތް ކުރެވޭނެ. އެތަން ތަން ކޮންމެ ދަތުރެއްގައިވެސް ވަކިން އާންމު ކުރެވޭނެ. އެކި ދަތުރުތަކުގައި ދާނީ އެކިތަންތަނަށް.
 • ދަތުރު މަތީގައި ކެއުމާއި ނަމާދު ކުރުމަށް މަޑު ކުރާނެ.
3 ) މީޤާތުން އިހްރާމް ބަނުން
 • ޠާއިފުން މައްކާއަށް އެނބުރި ދާނީ މީޤާތުގައި މަޑުކުރުމަށްފަހު އިހްރާމް އަޅައިގެން 3 ވަނަ އުމްރާ ވުމަށް ތައްޔާރުވެގެން.
 • ޢުމްރާގެ ނިޔަތް ކިޔުމަށް މީޤާތަށް މަޑުކުރާނެ.
4 ) މައްކާއަށް އެނބުރި އައުން
 • ޠާއިފުން މައްކާއަށް އެނބުރި ހޮޓަލަށް އައުމަށްފަހު ޢުމްރާ ކުރުމަށް ހަރަމްއަށް ދާނީ.

ޠާއިފް އަކީ ކޮބާ؟

ލިޔުއްވީ: ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަބީ ކަމާއިގެން ފޮނުއްވުނީ ޢާލަމްތަކަށް ރަޙުމަތެއްގެ ގޮތުގައެވެ. އެކަލޭގެފާނުގެ ދަޢުވަތަކީ ބައިނަލްއަޤުވާމީ ދަޢުވަތެކެވެ. އެއީ ހަމަ އެކަނި މައްކާގެ އަހުލުވެރިންނަށް ޚާއްޞަ ދަޢުވަތެއް ނޫނެވެ. އިސްލާމީ ދަޢުވަތު ފޯރު ކޮށްދެއްވުމަށް އިތުރު އެކަލޭގެފާނު މަސައްކަތް ކުރެއްވީ ނުހަނު ކެތްތެރި ކަމާއެކުގަ އެވެ. ހިއްވަރާ ޢަޒުމާއެކުގަ އެވެ.

މައްކާގެ އަހުލުވެރިންނަށް އިސްލާމްދީނަށް ގޮވާލެއްވުމުގައި ސިއްރާ ފައުޅުގައި މަސައްކަތް ކުރެއްވި އެވެ. ޢާއިލާގެ މެންބަރުންނަށް ދީނަށް ވަނުމަށް ދަޢުވަތު ދެއްވި އެވެ. މައްކާގެ ބޮޑުންނަށް ދަޢުވަތު ދެއްވި އެވެ. މުއްސަނދިނަށް ދަޢުވަތު ދެއްވިއެވެ. ފަޤީރުންނަށް ދަޢުވަތު ދެއްވި އެވެ. އެކަލޭގެފާނުގެ އަރިހުގައި އެންމެން ހަމަހަމަ ވެގެން ވެއެވެ. އެކަލޭގެފާނުގެ ދަޢުވަތަށް ފުރަތަމަކޮޅުގައި އެންމެ ގިނައިން އިޖާބަ ދިނީ ނިކަމެތިންނެވެ. އެއީ ކޮންމެ ނަބަވީ އިޞްލާޙީ މަސައްކަތްތަކުގެ ޠަބީޢަތެވެ. ކޮންމެ ނަބީބޭކަލެއްގެ ޙަޔާތުގެ ތަޖުރިބާއަކީ ވެސް އެއީ އެވެ.

ޤައުމުގެ ބޮޑުން ދިޔައީ ދީނަށް ގޮންޖަހަމުނެވެ. ދުއްތުރާ ކުރަމުންނެވެ. އެކަމުގައި އެތައް ހިތްދަތި ކަމަކާއި ކުރިމަތިލެއްވި އެވެ. މާތް ﷲ ގެ އެއްކައުވަންތަކަމުގެ ދަޢުވަތު ޤަބޫލު ކުރުމަށް މައްކާގެ ގިނަ ޢަދަދެއްގެ ބޮޑުން ދެކޮޅު ހަދަމުން ދިޔަ އެވެ. އެމީހުންގެ ފުށުން ކީރިތި ރަސޫލާއަށް ދުއްތުރާތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.

އަމުދުން އަބޫޠާލިބުގެފާނާއި ޚަދީޖަތުފާނު އަވަހާރަވުމާ ވިދިގެން މައްކާގައި ކީރިތި ރަސޫލާއަށް ދުއްތުރާތައް ބޮޑުވެގެން ދިޔައެވެ. އިސްލާމްދީނަށް ވަންނަމުން ދިޔަ މީހުންނަށް އެކި ގޮތް ގޮތުން ޢުޤޫބާތްދީ އަނިޔާތައް ދެމުން ދިޔައެވެ. މައްކާގެ ތެރޭގައި ކީރިތި ރަސޫލާއަށް ނަޞްރު ދޭނޭ މަދަދުވެރިޔަކު ނެތެވެ.

އެހެންކަމުން އިސްލާމްދީން ޙިމާޔަތްކޮށް ދީނަށް ނަޞްރު ދޭނޭ ބާރުވެރި ފަރާތެއް ހޯއްދެވުމަށް އިތުރު އެކަލޭގެފާނު ޠާއިފަށް ވަޑައިގަންނަވަން ނިމެވި އެވެ. މިގޮތުން އެކަލޭގެފާނު އެންމެ ލޯބިފުޅުވާ ޞަޙާބީ ޒައިދު ބުނު ޙާރިޘާއެކު ހިންގަވާފައި ޠާއިފަށް ވަޑައިގެނެވި އެވެ.

ޠާއިފަކީ މައްކާއާ ނުވަދިހަ ހަ ކިލޯމީޓަރު ދުރުގައި ފަރުބަދަ މަތީގައި އޮންނަ އަވަށެވެ. ވަރަށް ރީތި ފެހި އަވަށެކެވެ. ދީގު ތާރީޚެއް ވެސް އޮތް އަވަށެވެ. އެ އެވަރަށް ވަޑައިގެންނެވީ ހިންގަވާފަ އެވެ. އަދި އެ އަވަށުން މައްކާއަށް ވަޑައިގެންނެވީ ވެސް ހިންގަވާފަ އެވެ. އުންމަތެއް ބިނާ ކުރެއްވުމުގެ ހިއްވަރާއި ޢަޒުމުގަ އެވެ. ހިދާޔަތު ފޯރުކޮށް ދެއްވުމަށް އިޚުލާޞްތެރި އަމާނާތްތެރިއެއްގެ ގޮތުގަ އެވެ. ނާޞިޙެއްގެ ގޮތުގަ އެވެ. އަމީނެއްގެ ގޮތުގަ އެވެ.

މި ދަތުރަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ތަޖުރިބާކުރެއްވި އެންމެ ހިތާމަވެރި ދަތުރެވެ. އުޙުދުގެ ދުވަހުގައި އެކަލޭގެފާނަށް ޖިސްމާނީ ގޮތުން ވަރަށް ބޮޑު އަނިޔާއެއް ލިބިވަޑައިގެންނެވި އެވެ. ނަމަވެސް ޠާއިފުގެ ދަތުރުގައި ނަފްސާނީ ގޮތުން ލިބިވަޑައިގެންނެވި ހިތްދަތިކަމާ އަނިޔާ މާބޮޑު ކަމަށް އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ.

ޠާއިފުގެ ދަތުރުގައި އެ އަވަށުގެ ބޮޑުންނާއި ޢާންމު މީހުންނަށް އެކަލޭގެފާނުގެ ނަބީކަމުގެ ދަޢުވަތު އިޢުލާން ކުރައްވައި އިސްލާމް ދީނަށް ގޮވާލެއްވުމުން އެރަށުގެ ބޮޑުން ނިކުމެ އެކަލޭފާނަށް އަނިޔާ ކުރި އެވެ. އެ އަވަށުގެ މީހުން ނެރެގެން އެކަލޭފާނަށް ހުތުރު އެއްޗެހި ގޮވައި ގަލުން ތަޅައި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބަލި ކޮށްލަން މަސައްކަތް ކުރި އެވެ.

މިކަމުގެ ސަބަބުން އިތުރު އެކަލޭގެފާނުގެ ފައިންޕުޅުން ލޭ ފޮދު އޮހޮރިގެން ދިޔަ އެވެ. ދުވަހަކު ވެސް އެކަލޭގެފާނަށް އެއިގެ ކުރިން ލިބިވަޑައި ނުގަންނަވާ އެތައް ހިތްދަތިކަމަކާ ކުރިމަތިލެއްވި އެވެ. އެ ޙާލަތުގައި އެހީތެރިވެލައްވަން ހުންނެވީ ލޮބުވެތި ޞަޙާބީ ޒައިދުގެފާނެވެ. ލޯފުޅުތަކުން ކަރުނަ ފޮދު އޮހޮރެމުން ދިޔަ އެވެ.

އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާ ކުރައްވަމުން ގެންދެވި އެވެ. "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ ޤައުމުގެ މީހުންނަށް ނޭގެނީއެވެ. އެއުރެންނަށް ހިދާޔަތް ދައްކަވާނދޭވެ!" މިފަދައިން ދުޢާކުރައްވަމުން ގެންދެވިއެވެ.

އޯގާތެރިކަމުގެ މަތިވެރި މިސާލު

އިމާމުލްބުޚާރީ އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާ ކުރައްވާފައި ވެއެވެ. "ތިމަން ކަމަނާ ﷲގެ ރަސޫލާއަށް ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. އުޙުދުގެ ހަނގުރާމައިގެ ދުވަސް ފިޔަވައި ކަލޭގެފާނުގެ ޙަޔާތްޕުޅުގައި ވަކިން ހިތްދަތިކަން ބޮޑު ދުވަހެއް އައިތޯ އެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވި އެވެ. ޢަޤަބާގެ ދުވަސް (އެބަހީ ޠާއިފު) ގެ ދުވަސް ފަދަ ދުވަހެއް ނާދެ އެވެ. އެ ދުވަހު ޠާއިފުގެ ބޮޑެއް ކަމުގައިވާ އިބު ޢަބްދު ޔާލައިލް އިބުނު ޢަބްދު ކުލާލު އަށް ތިމަން ކަލޭގެފާނު އިސްލާމްދީނަށް ވަނުމަށް ގޮވާލެއްވީ މެވެ.

ނަމަވެސް އޭނާ ތިމަންކަލޭގެފާނުގެ ދަޢުވަތަށް އިންކާރު ކޮށް ނިކަމެތިކޮށް ކަންކަންކުރި އެވެ. ދެން ތިމަންކަލޭގެފާނު ހިތާމައާއި ވޭނުން ފުރިގެންވާ ޙާލުގައި ނަޖިދުގެ އަހުލުވެރިންގެ މީޤާތާ ހަމައަށް އައިތަނާ ތިމަންކަލޭގެފާނު އުޑާ ދިމާލަށް ބައްލަވާލެއްވި ވަގުތު ބޮޑު ވިލާގަނޑެއް ތިމަންކަލޭގެފާނަށް ހިޔާއަޅުވަމުން ދިޔަތަން ދެކިލެއްވީމެވެ.

އަދި އެ ދިމާލަށް ބައްލަވާލެއްވި ހިނދު އެތަނުން ސަލާމް ލެއްވި ޖިބްރީގެފާނު ފެނިވަޑައިގަތެވެ. ޖިބްރީލްގެފާނު ވިދާޅުވިއެވެ. އޭ މުޙައްމަދުގެފާނެވެ. ކަލޭގެފާނުގެ ދަޢުވަތަށް އިންކާރުކޮށް ކަލޭގެފާނުގެ ޤައުމުގެ މީހުން ކުރި ކަންކަން ﷲ އައްސަވައި ދެކެ ދެނެވޮޑިގެންފި އެވެ. ފަހެ ކަލޭގެފާނުގެ އަރިހަށް މާތް ﷲ ފަރުބަދަ ތަކުގެ މަލާއިކަތާ މި ހުންނެވީ ފޮނުއްވާފައެވެ.

އެވަގުތު އެމަލާއިކަތާ ތިމަންކަލޭގެފާނަށް ގޮވާލައްވައި ސަލާމް ގޮވާލެއްވައި ވިދާޅުވި އެވެ. އޭ މުޙައްމަދުގެފާނެވެ. ކަލޭގެފާނުގެ ޤައުމުގެ މީހުން އެބަހީ ޠާއިފުގެ އަހުލުވެރިން ކަލޭގެފާނާ މެދު ޢަމަލުކުރި ގޮތް މާތް ﷲ ދެކެދެނެވޮޑިގެންފި އެވެ. އަދި ތިމަންކަލޭގެފާނަކީ ފަރުބަދަ ތަކުގެ މަލާއިކަތާ އެވެ. ކަލޭގެފާނުގެ އަރިހަށް މާތް ﷲ މިވަނީ ތިމަންކަލޭގެފާނު ފޮނުއްވާފަ އެވެ. އަމުރުފުޅު ކުރައްވައިފި ނަމަ މިފެންނަ ބޮޑު ދެފަރުބަދަ، އަލް އަޚްޝަބައިން އެއުރެންގެ މައްޗަށް ފުނޑު ފުނޑު ކޮށްލައި އޮއްސާލައި ހުށީ މެވެ.

އެހިނދު ރަޙުމަތުގެ ނަބިއްޔާ ދެންނެވިއެވެ. ނޫނެކެވެ. އެހެން ނުހައްދަވާށެވެ. އެއުރެންގެ ދަރިފަސްކޮޅުން ﷲ އަށް އީމާންވެ ޝަރީކު ނުކުރާނެ ބަޔަކު ފޮނުއްވާފާނެ ކަމަށް އުންމީދު ކުރަމެވެ.

މިޙާދިސާއިން ދޭހަވަނީ ކީރިތި ރަސޫލާގެ ހިތްޕުޅުގެ ތަނަވަސްކަމާއި މަޢާފު ކުރެއްވުމުގެ މަތިވެރި ދީލަތި އަޚުލާޤު އެކަލޭގެފާނު ޝަޚުޞިއްޔަތުގައި ބިންވަޅުނެގިފައިވާ ކަމެވެ. ބަދަލު ހިފުމުގެ އެއްވެސް ރޫޙެއް އެކަލޭގެފާނުގެ ކިބައިގައި ނެތްކަމެވެ. މިއީ އިސްލާމްދީނަށް ގޮވާލާ ކޮންމެ ދާޢީއެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މާތް އެއް ސިފައެވެ. އަދި ކޮންމެ މުސްލިމެއްގެ ގައިގައި ހުންނަންޖެހޭ އަޚުލާޤު ވެސް މެއެވެ.

ޢައްދާސްގެ މެހުމާންދާރީ

މާޔޫސްކަންމަތީގައި މައްކާއަށް ހިންގަވާފައި ވަޑައިގެންނެވި މަގުމަތީގައި ރަބީޢަތުގެ ދެ ދަރިންކަމުގައިވާ ޢުތުބާ އާއި ޝައިބާގެ ބަގީޗާގައި އިތުރު އެކަލޭގެފާނު މަޑުކުރެއްވި އެވެ. އެތަނުން ބައްދަލުވި ޒުވާންފުރައިގެ ޢައްދާސް ނަމަކަށް ކިއުނު ޣުލާމެއް (އަޅެއް) ކީރިތި ރަސޫލާއާއި ޒައިދުގެފާނަށް މެހުމާންދާރީ އެރުވިއެވެ.

އެ ދެބޭކަލުންނަށް މޭބިސްކަދުރު ގެންނަވައި އެއިން ފަރިއްކުޅުއްވުމަށް އެދިވަޑައިގެންނެވިއެވެ. އެ ހިނދު ކީރިތި ރަސޫލާ ބިސްމިﷲ ވިދާޅުވި ފަރިއްކުޅުއްވަން ފެއްޓެވުމުން ތިޔައީ މިރަށްތަކުގެ އަހުލުވެރިން ކިޔައި އުޅޭ އެއްޗެއް ނޫނޭ އައްދާސް ބުންޏެވެ. އެ ހިނދު، ތިޔައީ ކޮން ރަށެއްގެ ކުއްޖެއްތޯ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢައްދާސް ކުރެން އެއްސެވިއެވެ.

އެ ހިނދު، ތިމަންނާއަކީ ނީނަވާގެ މީހެއްކަމުގައި ދެންނެވިއެވެ. ދެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވިއެވެ. އެއީ ތިމަން ކަލޭގެފާނުގެ އަޚު ޔޫނުސް ޢަލައިހިއްސަލާމްގެ ރަށެވެ. އެ ހިނދު ޢައްދާސް ދެއްނެވި އެވެ. ކަލޭގެފާނަށް ޔޫނުސްގެފާނު އެނގިވަޑައިގެންނެވީ ކޮންފަދައަކުންތޯ އެވެ. އެހިނދު ކީރިތި ރަސޫލާ ވިދާޅުވިއެވެ. އެއީ ﷲގެ ނަބިއްޔެކެވެ.

ތިމަންކަލޭގެފާނަކީ ވެސް ﷲގެ ނަބިއްޔެކެވެ. އެހިނދު ޢައްދާސް އުފަލުން ގޮސް ކީރިތި ރަސޫލާގެ އަތްޕުޅުގައި ބޮސްދިނެވެ. އޭނާގެ ނަޞްރާނީ ދީން ދޫކޮށް ކީރިތި ރަސޫލާއަށް އީމާންވެ އިސްލާމްދީނަށް ވަދެއްޖެ އެވެ. މިއީ ޠާއިފުގެ ދަތުރުން އެނބުރި ވަޑައިގެންނެވި މަގުމަތީގައި އިތުރުއެކަލޭގެފާނަށް ލިބިވަޑައިގެންނެވި ވަރަށް މަތިވެރި އުފަލަކަށްވި އެވެ. މި ޙާދިސާއިން ލިބޭ އެންމެ މުހިންމު އެއް ފިލާވަޅަކީ ހިތާމައަށް ފަހު އުފަލެއްވާނެ ކަމެވެ. ކޮންމެ ކަމެއްގައި ވެސް ކެތްތެރިކަމާއި ޙިލްމުވެރިކަން އިސްކޮށްފި ނަމަ އެކަމުގެ ނަތީޖާ ފޮނިވާނެ ކަމެވެ.

ތާއިފުގެ ދަތުރުން ލިބޭ ޢާއްމު ޢިބުރަތްތައް

1 – ޠާއިފުގެ ދަތުރުން ކީރިތި ރަސޫލާގެ ދަޢުވަތަކީ ރަޙުމަތުގެ ދަޢުވަތުކަން ވަރަށް ސާފުކަން ބަޔާންވެގެން ދެއެވެ.
2 – އިސްލާމީ ދަޢުވަތުގައި މަސައްކަތްކުރާ ފަރާތްތަކުން ޙިކުމަތާއި ރިވެތި ވަޢުޡާއެކު ދަޢުވަތު ދޭންޖެހޭނެ ކަމާއި ދަޢުވަތުގައި އެއްވެސް ވަރަކަށް ހަރުކަށިކަން އިސްކޮށްގެން ނުވާނެކަން ދަސް ކޮށްދެ އެވެ.
3 – ކެއުންބުއިމުގެ އަދަބުތައް ވެސް ދަސްކޮށް ދެއެވެ. ކާންފެށުމުގެ ކުރިން (ބިސްމިﷲ ކިއުމަކީ) ސުންނަތެއްކަން ސާބިތު ވެއެވެ.
4 – ތިމާގެ ދަޢުވަތަށް އިޖާބަ ނުދޭ މީހުންނަށް ހެޔޮ ދުޢާކުރަންޖެހޭނެކަމާއި ޙާލަތަކީ ބަދަލުވެދާނެ އެއްޗެއްކަމާއި މިއަދު އިސްލާމްދީނަށް އިންކާރުކުރާ މީހަކު މާދަމާ އިސްލާމްދީނަށް ނަޞްރު ދީފާނެކަން ސާބިތު ވެއެވެ. ކީރިތި ރަސޫލާގެ ދުޢާގެ ސަބަބުން ޠާއިފުގެ އަހުލުވެރިންގެ ދަރިފަސްކޮޅުން އިސްލާމްދީނަށް ނަޞްރުދިން އެތައް ބަޔަކު މާތްﷲ ވަނީ ލައްވާފަ އެވެ. މިއަދުވެސް ޠާއިފުގެ އަހުލުވެރިންނަކީ އިސްލާމްދީން ދެކެ ނުހަނު ލޯބިވާ ބައެކެވެ.
5 – ދަޢުވަތުގެ މަސައްކަތުގައި ނަތީޖާއަށް އަވަސްވެ ގަތުމަކީ ރަނގަޅު ކަމެއް ނޫން ކަމާއި ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ އެތައް އަހަރެއް ފަހުންވެސް ނިކުމެދާނެކަން ހާމަވެއެވެ.
6 – އިސްލާމީ ދަޢުވަތުގައި އެކުވެރިކަމަކީ މުހިންމު ކަމެއްކަމާއި ދަޢުވަތުގައި އެކީގައި މަސައްކަތްކުރާންޖެހޭނެ ކަމާއި އެކަކު އަނެކަކަށް އެކަމުގައި އެހީތެރިވާންޖެހޭނެކަން ސާބިތުވެ އެވެ.

Call Now Buttonގުޅުއްވާ