ލިޔުނީ: ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޗެއަރމަން، ޤިބްލަ ޙައްޖު އެންޑް ޢުމްރާ
ޙުރުމަތްތެރިވެގެންވާ ގެފުޅު( ކަޢުބާ) މައްކާގައި ލެއްވިގެންވަނީ ﷲ އަށް އަޅުކަން ކުރެވޭ ތަނެއްގެ ގޮތުގައެވެ. ތަވާފުކުރާ މީހުންނާއި އިޢުތިކާފުކުރާ މީހުންނާއި ﷲ މަތިވެރިކުރުމުގެ ގޮތުން ރުކޫޢުކުރާ މީހުންނާއި ﷲ އަށް ކުއްތަންވުމުގެ ގޮތުން އެކަލާނގެ އަށް ސަޖިދަކުރާ މީހުންނާއި ﷲ މަތިން ހަނދުމާކުރާ މީހުންގެ މަރުކަޒުގެ ގޮތުގައެވެ. ބިންމަތީގައި ﷲގެ އެއްކައުވަންތަކަން ޤާއިމުވެގެންވާ ކަމުގެ މަތިވެރި ރަމްޒެއްގެ ގޮތުގައެވެ. އެއީ ބިންމަތީގައި ﷲ އަށް އަޅުކަން ކުރުމަށްޓަކައި ޤާއިމުވި ފުރަތަމަ ގެކޮޅެވެ. އެތަނުގެ ވަށައިގެން ﷲ ވޮޑިގެންވާކަމުގެ މަތިވެރި ހެކިތަކެއްވެއެވެ.
މިމަތިވެރި ޙަޤީޤަތްތައް ހާމަކުރައްވަމުން ކީރިތި ޤުރުއާނުގެ އާލު ޢިމްރާން ސޫރަތުގެ (96-97) ވަނަ އާޔަތްތަކުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. އެއާޔަތްތަކުގެ މާނައިގައިވެއެވެ. " ހަމަކަށަވަރުން، މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި، (އަޅުކަމުގެ) ގެޔަކީ، مكة ގައިވާ ގެފުޅުކަން ކަށަވަރެވެ. بركات ލައްވާފައިވާ ތަނެއްގެ ގޮތުގައެވެ. އަދި، عالم ތަކަށް ތެދުމަގެއް ކަމުގައެވެ. ހަމަކަށަވަރުން، މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި، (އަޅުކަމުގެ) ގެޔަކީ، مكة ގައިވާ ގެފުޅުކަން ކަށަވަރެވެ. بركات ލައްވާފައިވާ ތަނެއްގެ ގޮތުގައެވެ. އަދި، عالم ތަކަށް ތެދުމަގެއް ކަމުގައެވެ." އިސްވެދިޔަ އާޔަތްތަކުން ދޭހަވަނީ ﷲގެ އެއްކައުވަންތަކަން ޤާއިމުކުރުމަށްޓަކައި ބިންމަތީގައި އެންމެ ފުރަތަމަ ޤާއިމު ކުރެވުނު ގެކޮޅަކީ ކަޢުބަތުﷲ ގެފުޅުކަމެވެ.
އަދި އެތަނަކީ ބަރަކާތްތެރިވެގެންވާ ތަނެއްކަމަށާއި އެއީ ޢާލަމްތަކަށް ހިދާޔަތެއްގެ ގޮތުގައި ލެއްވިގެންވާ ތަނެއްކަމުގައި ބަޔާންކޮށްދެއެވެ. އަދި ތައުޙީދުގެ މިއްލަތުގެ ބައްޕަ ސައްޔިދުނާ އިބްރާހީމް ޢަލައިހިއްސަލާމްގެ މަޤާމުފުޅު ގެފުޅުގެ އަރިހުގައިވާކަމާއި ގެފުޅު ވަށައިގެން މަތިވެރިވެގެންވާ ހެކިތަކެއްވާކަން ވެސް ބަޔާންކޮށްދެއެވެ. އަދި ގެފުޅަށް (އަލްމަސްޖިދުލްޙަރާމް) އަށް ވަދެއްޖެ ކޮންމެ މީހަކަށް އަމާންކަންލިބިގެންވާކަމާއި ކުޅަދާނަކަން ލިބިގެންވާ މީހާ ގެފުޅަށް ޙައްޖުވުމަކީ ވާޖިބެއްކަންވެސް ދޭހަކޮށްދެއެވެ. މީގެ އިތުރުން އަލްމަސްޖިދުލްޙަރާމްގައި ކުރެވޭ ނަމާދަކީ އެއްލައްކަ ނަމާދުގެ ޘަވާބާއި ދަރުމަލިބިގެންވާ ނަމާދެކެވެ.
ގެފުޅުގެ އަރިހުގައިވާ މަޤާމު އިބްރާހީމްގެ އިތުރުން އެތަނުގައި ޞަފާ ފަރުބަދައާއި މަރުވާ ފަރުބަދައާއި ޒަމްޒަމް ފެން އާރު ވެސްވެއެވެ. ޞަފާއާއި މަރުވާ އަކީ ﷲ ގެ މަތިވެރި ޝިޢާރުތަކުގެ ތެރެއިންވާ ޝިޢާރުތަކެކެވެ. ކީރިތި ޤުރުއާނުގައި އަލްބަޤަރާ ސޫރަތުގެ (158) ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. އެ އާޔަތުގެ ތަރުޖަމާގައިވެއެވެ. "ހަމަކަށަވަރުން، صفا އާއި مروة ވަނީ اللَّه ގެ شعائر (އެބަހީ: ފާޅުގައި އަޅުކަން ކުރުމަށް ލައްވާފައިވާ ތަންތަން) ގެ ތެރެއިންނެވެ. ފަހެ، ގެފުޅަށްގޮސް حج ވާ މީހާ ނުވަތަ عمرة ވާ މީހާ، އެ ދެތާނގައި ހިނގައި سعى ކުރުމަކުން އެމީހާގެ މައްޗަކަށް ކުށެއްނެތެވެ. އަދި (فرض ގެ އިތުރަށް) ހެޔޮކަމެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން اللَّه އީ، (އެފަދަ މީހުންނަށް) شكر ވެރިވެވޮޑިގެންވާ (އެބަހީ: އެއުރެންނަށް ހެޔޮ ޖަޒާދެއްވާ) މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
ގެފުޅުގެ ވަށައިގެންވާ ހެކިތަކުން ދޭހަކޮށްދެނީ އިބްރާހީމް ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލް ޢަލައިހިއްސަލާމް ތައުޙީދުގެ މަތިވެރިކަލިމަފުޅު ބިންމަތީގައި ދެމެހެއްޓުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއެވެ. އަދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ރިސާލަތު ދެމެހެއްޓެވުމަށް އުންމަތަށް ކުރެއްވި ވަޞިއްޔަތްޕުޅެވެ. ގެފުޅަށް ޙައްޖުވުމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ފަރުޟެކެވެ. އެއީ އިސްލާމްދީނުގެ ފަސްވަނަ ރުކުނެވެ. ޙައްޖުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ ޠަވާފާއި ސަޢުޔު ކުރުމާއި ޢަރަފާތުގައި ތިބުމާއި މުޒްދަލިފާ ގައި ރޭކުރުމާއި ޖަމްރާއަށް ހިލައުކުމާއި އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގައި މިނާގައި ތިބުމާއި މިއިން ކޮންމެ މަޤާމަކީ ވެސް އިސްތިޣުފާރުކުރުމާއި ﷲ މަތިން ހަނދުމަކުރުމުގެ މަޤާމުތަކެވެ. އަދި އަރަފާތުގައި ތިބުމަކީ ޙައްޖުވުމުގެ އެންމެ މަތިވެރި އަޅުކަމެވެ. ޙައްޖާއި ޢުމްރާގެ އަޅުކަމަކީ އޭގައި ނުހަނު މަތިވެރި ޘަވާބާއި ދަރުމަ ލެއްވިގެންވާ ޢަމަލުތަކެކެވެ. ޚާއްޞަކޮށް މަބްރޫރު ޙައްޖުގެ ޖަޒާއަކީ ސުވަރުގެއެވެ. ޢުމުރުން އެއް ފަހަރު ޢުމުރާ ކުރުމަކީ ވާޖިބެކެވެ.
އަދި ރަމަޟާން މަހުގެ ޢުމްރާގެ ޘަވާބު އެތައް ގުނައަކަށް އިތުރުވެގެންވެއެވެ. މިއަދު ކަންކަން ތަރުތީބުވެފައިވާ ގޮތުން ޒުވާން ޢުމުގައި ޙައްޖުވުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.
ޙައްޖުގެ އަޅުކަމަކީ ވަރަށް ގިނަ ތަކުލީފުތައް އުފުލަންޖެހޭ އަޅުކަމެއްކަމުން ކުޅަދާނަކަން ލިބިގެންވާ ޙާލުގައި އެ އަޅުކަން ޒުވާން ޢުމުރުގައި ކުރުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. އަދި ހަމަ އެގޮތައް ޢުމްރާގެ އަޅުކަން ވެސް ޒުވާން ޢުމުރުގައި އަދާކުރުމަކީ މުހިންމު ކަމެކެވެ.
މިއަދު އަތްމަތީގައި ހުރި ތަނަވަސްކަމާއި ގައިގަ ހުރި ކުޅަދާނަކަމަށް މާދަމާ ވާނެ ގޮތެއް ނޭނގޭނެއެވެ. ޒުވާންޢުމުރުގައި ގައިގައި ވަރު ހުއްޓައި މާލީ ތަނަވަސްކަން ލިބިގެންވާ ޙާލުގައި ތިމާއާއި ތިމާގެ އަނބި ދަރީން ޙައްޖާއި ޢުމުރާގެ އަޅުކަން އަދާކުރުމަށް އަވަސްވެގެންނަން ޖެހެއެވެ. މީގެ އިތުރުން ޙައްޖުގެ އަޅުކަމަށް ފަހު، އަލްމަސްޖިދުއްނަބަވީ އަށް ޒިޔާރަތްކުރުމަކީ މުހިންމު ކަމެކެވެ. އެތަނުގައި ކުރެވޭ ނަމާދަށް އެއްހާސް ނަމާދުގެ ޘަވާބު ލިބިގެންވެއެވެ. އަދި ލޮބުވެތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިސްކިތަށް ޒިޔާރަތްކޮށް އެކަލޭގެފާނަށް ސަލާމް ގޮވާލުމުގެ ފުރުޞަތު އަނބި ދަރީންނަށް ހޯދައިދިނުމަކީ އެ ދަރީންގެ ހިތްތަކުގައި އިސްލާމްދީނާ މެދު އޮންނަ ލޯބި ވަރުގަދަ ވެގެންދާނެ ކަމެކެވެ. އަދި އެ ނަޞީބު ތިމާއާއި ތިމާގެ އަނބިދަރިންނަށް ލިބުމަކީ ކިހާ ބޮޑު ނިޢުމަތެއްތޯއެވެ؟